ޚަބަރު
ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކޮށްފި
އަލަށް އުފެއްދި ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އޮޕަރޭޝަންގެ ޑްރިލް އެއް އިއްޔެ ދައްކާލަނީ.--
ކަނޑުމަތީގެ ބޮޑެތި އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން، ކޯސްޓްގާޑުގައި ވަކި ޔުނިޓެއް އުފައްދައިފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގައި އޮންނަ މި ސްކޮޑްރަން އިފްތިތާހުކޮށް ދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އެމްއެންޑީއެފް އިން ޖުމްހޫރީ މައިދާނުގައި މިއަދު އިއްޔެ ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ތެރެއިންނެވެ.

ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހްކޮށް، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ އަޒުމް ލައިދިނުންވެސް މިއަދު އޮތެވެ. އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ގިޔާސް އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ އެސްބީއެސްއަކީ ކޯސްޓްގާޑުގެ ތެރޭގައި ހާއްސަ ތަމްރީނު ލިބިފައިވާ އެލީޓް މެރިޓައިމް ޔުނިޓެއް ކަމަށެވެ. އެއީ، މެރިޓައިމް ޑޮމެއިންގައި ރެޕިޑް ރެސްޕޮންސް އަދި ހައި ސްޓޭކްސް އޮޕަރޭޝަންތަކަށް ހާއްސަ ޔުނިޓެއް ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި، ކަނޑުއަޑީގައި އެއްޗެހި ގޮއްވާލުމާއި ޓެރަރިޒަމްގެ ހަމަލާތަކާއި ކަނޑުފޭރުމާއި ހަމަލާ އެޅި މީހުންގެ ފޭރުމާއި މަސްތުވާތަކެތީގެ ވަގުފާރިއާ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ކަންކަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމަށް ތަމްރީނުދީ އަދި އެފަދަ ހާލަތްތަކަށް އަބަދު ވެސް ތައްޔާރީ ހާލަތުގައި ތިބޭނެކަން ފާހަގަކުރި އެވެ.

އެކި ހަމަލާތަކާއި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޑްރިލް އެއް ސިފައިން ވަނީ އިއްޔެ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި، އަލަށް އުފެއްދި ސްކޮޑްރަންގެ އޮޕަރޭޝަންތައް ހިމެނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ގާބިލްކަން އިތުރުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރު ފެށުނުތަނާހެން ނިންމެވި ނިންމެވުން ފާހަގަކުރަންޖެހޭ ކަމަށެވެ.

"ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް މިއަދު އެމަނިކުފާނު އިތުރުކުރައްވަނީ ނުހަނު ބޭނުންތެރި ގާބިލް ކަމެއް. ކަނޑުއަޑީގެ ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ކޯސްޓް ކާޑުގައި ސްޕެޝަލް ބޯޓް ސްކޮޑްރޮންއެއް މިއަދު ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ،" ހިލްމީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު