ޚަބަރު
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އަރަބި ގައުމުތަކުގެ ލަފާ ހޯދަންޖެހޭ: ފަލާހު
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އެކަމުގައި ފަލަސްތީނުން ދެކޭ ގޮތެއް އޮޅުންފިލުވަން ފެންނަކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ. 

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ -- 241 ކޮމިޓީ ގެ ބައްދަލުވުމުގައި ފަލާހު މިއަދު ވިދާޅުވީ ޕާސްޕޯޓް މަނާކުރުމުން ފަލަސްތީނަށް އޮތް ފައިދާއެއް ބަލަންޖެހޭ ކަމަށެވެ.

ފަލާހް ވިދާޅުވީ އިޒްރޭލުގައިވެސް މުސްލިމުން އުޅޭ ކަމަށާއި އިޒްރޭލް ޕާސްޕޯޓް މަނާކުރާއިރު އަރަބި ގައުމުތަކުގެ ލަފާވެސް ހޯދަން ޖެހޭ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އައުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

މިއަދު އެބިލާމެދު މަޝްވަރާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ މި ބިލުގެ މަސައްކަތް ސިޔާސީ މަންފާއެއް ހޯދުމަށް އަވަސްއަރުވާލައިގެން ނިންމައިލުން ރަނގަޅުނުވާނެ ކަމަށެވެ. 

އަދި ފަލަސްތީނުގެ ވެރިން ތިއްބަވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ބިލު އޮތް ގޮތަށް ފާސްކޮށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުން ފަލަސްތީނު ރައްޔިތުންނަށް ލިބޭނީ ކިހައި މަންފާއެއްތޯ ނުވަތަ ހިތްހަމަޖެހުމެއްތޯ ބަލަންޖެހޭ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.. އަދި މިކަމުގައި އަރަބި ގައުމުތަކާއި ކަމާ ގުޅުންހުރި އިދާރާތަކުގެ ހިޔާލު ހޯދަންވެސް އޭނަ ހުށަހެޅުއްވި އެވެ. 

"ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރުމުން އެ ބޭފުޅުންނަށް އެ ގައުމަށް މި ކަމުގައި ކިހާ މަންފާއެއް ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމެއް އުފާވެރިކަމެއް އޮތްތޯ އަދި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ވެސް ލަފައާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ފަލާހު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު