
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ކަމަށެވެ.އެ ބަދަލު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށް އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ އިސްލާހެއް ކަމަށް ވެސް ބުނެފައިވެ އެވެ.ގާނޫނުއަސާސީ އަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، އެ ދުވަހުގެ ހަވީރު ތަޅުމުން ފާސްކޮށްފައިވެ އެވެ. އަދި އެ ދުވަހުގެ އިރާކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.މިިކަމާ ގުޅިގެން މިހާރު ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.