ޚަބަރު
ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ކާނި ހޮޓެލްސް އަށް ދަައުވާ ކުރަން ފޮނުވައިފި
ކާނި ބީޗް ހޮޓެލް: ގަސްތުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ކުރޭ
"ކާނި ހޮޓެލްސް" އިން ޓެކުހަށް ގަސްތުގައި މަކަރު ހެދި ކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ ހަތަރު ހޮޓެލަކީ:

  • ކާނި ޕާމް ބީޗް
  • ކާނި ގްރޭންޑް ސީވިއު
  • ކާނި ވިލެޖް
  • ކާނި ބީޗް ހޮޓެލް
މީރާއިން ބުނީ އެ މައްސަލައަކީ 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެ ހަތަރު ހޮޓެލުން މީރާއަށް ހުށަހަޅާފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް މީރާއިން ބުންޏެވެ.

މީރާ އިން ބުނެފައިވަނީ އަށްލައްކަ ޑޮލަރު (13.3 މިލިއަން ރުފިޔާ) ކާނި ހޮޓެލްސް އިން އިތުރަށް ދައްކަން ޖެހޭ ކަމަށް ޓެކްސް އޮޑިޓުތަކުން ފާހަގަކުރެވިފައިވެ އެވެ.

ކާނި ހޮޓެލްސް އަކީ ގެސްޓްހައުސް ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ޓެކްސް ދައްކާ ކުންފުންޏެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަހު އެ ކުންފުނިން ވަނީ 4.1 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ހޯދައިފަ އެވެ.

ކާނި ކުންފުނީގެ ވެރިޔާ އަބްދުﷲ ނަޝީދަކީ، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭ) ގެ ރައީސް އެވެ. އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ އެ ކުންފުނީގެ ހަތަރު ހޮޓަލުގައި 490 އެނދު ހުންނަ އިރު އެ ހޮޓަލުގެ ދަށުން އއ. އުކުޅަހުގައި އަންނަނީ 350 އެނދުގެ ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކުންފުނިން މިހާރު ވަނީ ރިސޯޓު ވިޔަފާރިއަށް ވެސް ވަދެފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓެއް ހެދުމަށް އެ ކުންފުންޏަށް ވ. އަތޮޅުގެ އެންމެ ބޮޑު ސޭންޑްބޭންކް "ބޮޑުފިނޮޅު" ހަވާލުކޮށްފަ އެވެ.

ގަސްތުގައި ޓެކުހަށް މަކަރު ހެދި މައްސަލައިގައި "ކާނި ހޮޓެލްސް އެންޑް ޓުއާސް" އާއި "އަސްނާ އިންވެސްޓްމަންޓްސް" ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ ނަޝީދު (ކާނި އަބުލޯ) އާއި އާމިނަތު އާސިމާ ސަލީމްގެ އަދި ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހުންނެވި އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު