ޚަބަރު
އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ދިރިއުޅޭ ގެ ބަލާ ފާސްކުރަނީ
އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކު
ހިޔާނާތުގެ މައްސަލައެއްގެ ތަހުގީގަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ކޯޓު އަމުރުތަކެއް ހިފައިގެން ގޮސް މިހާރު ބަލައި ފާސްކުރަމުން އަންނަނީ މޫކޭގެ އެޕާޓްމަންޓަކާއި އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ދެން އަމާޒުވާ ޔާސިރު ހަސަން ދިރިއުޅޭ އެޕާޓްމަންޓެެވެ.

ޔާސިރު ހަސަނަކީ އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެވެ. ޔާސިރު ވަނީ މީގެ ދުވަސްގަނޑެއް ކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ.

މި ކަންކަމާ ގުޅުވައި މި ހިޔާނާތުގައި މޫކޭ ބައިވެރިވާ ކަމަށް ތުހުމަތުކޮށް ފެތުރޭ ވާހަކަތަކާއި ޔާސިރަށް ކުރާ ތުހުމަތު ވެސް މޫކޭ ކުރިން ދޮގުކުރައްވާފައި ވެ އެވެ.

ފާއިތުވި ދައުރުގައި ފެންމަތިވި މި މައްސަލާގައި ފުލުހުން ތަހުގީގެއް ފެށީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އެ މައްސަލަ ފެންމަތިކުރުމާ ގުޅިގެން އެ ދެ އިދާރާ ގުޅިގެން ކުރާ ތަހުގީގެއް ގޮތުގަ އެވެ. 

މިހާތަނަށް ފުލުހުން މިރޭ ހިންގަމުންދާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެ އެވެ. އާރްޑީސީ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކުރަން ފެށިތާ މިހާރު އަހަރެއްހައި ދުވަސްވެއްޖެ އެވެ.

އާރްޑީސީއަކީ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ތިޖުރީތައް ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ފަޅާލަފައިވާއިރު ތިޖޫރީއެއް ގެއްލިފައި ވެސް ވެ އެވެ. އިތުރުން އާރްޑީސީގެ އޮފީހުން ބޮޑެތު ވައްކަން ކުރުން ފަދަ އެތައް ކަންކަން ވެސް ތަކުރާރުކޮށް ކުރީ ސަރުކާރުގެ ދުވަސްވަރު ހިނގާފައި ވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު