ވިޔަފާރި
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި
ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން -- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި 2014 ގައި ހަދާފައިވާ އެއްބަސްވުމެކެވެ. އެކަމަކު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ނޮވެމްބަރު 2017 ގައި އެ އެއްބަސްވުމަށް ރުހުން ދިނަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ބުނެ އަމަލެއް ނުކުރި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން ސޮއިކޮށްފައި އޮންނަތާ އަހަރުތަކެއް ފަހުން، އެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ މަޝްވަރާތައް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި މަގާމާ ހަވާލުވެވަޑައިގެން ޖެނުއަރީ 2024 ގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު ލިބޭ ބައެއް ފައިދާތައް

  • ޑިއުޓީ މައާފުވެ، 7،000 އަށްވުރެ ގިނަ އައިޓަމް ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ،
  • ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ހުރިހާ ބާވަތަކުން ޑިއުޓީ މައާފުވުން،
  • އިމާރާތް ކުރުމަށް ބޭނުންކުރާ ގާތްގަނޑަކަށް ހުރިހާ ބާވަތަކުން ޑިއުޓީ މާފުވުން،
  • އަމިއްލަ މީހުންގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓް ކުރުން،
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އުފެއްދުންތެރި މަސައްކަތްކުރާ މީހުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. އެ ގޮތުން ތްރީޑީ ޕްރިންޓަރާއި ފޮޓޯގްރަފީ ސާމާނުގެ އިތުރުން ގަހަނާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި ލޭބަލް ޕްރިންޓަރުން ޑިއުޓީ މައާފުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ހީނަރުވެފައި އޮތަސް ރައީސް މުއިއްޒުގެ ވެރިކަމުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު