ޚަބަރު
ކައުންސިލްތަކުގެ މެންބަރުން ޕާޓް-ޓައިމް މަގާމުތަކަށް ބަދަލިކުރުމަށް ރައީސްގެ ހިޔާލެއް
ކައުންސިލަރުންގެ ބައްދަލުވުމެއް
ރައީސް އާއި ނައިބް ރައީސް ފިޔަވައި، ކައުންސިލްތަކުގެ މެންބަރުންގެ މަގާމަކީ ޕާޓް-ޓައިމް މަގާމުތަކަށް ހެދުމާއި މެދު ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޔާލަށް ހުޅުވާލައްވައިފި އެވެ.

ގއ. އާއި ގދ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކައުންސިލްތަކުގެ ހަރަދު ކުޑަކުރުމަށް، ކައުންސިލްތައް އުފެދިފައިވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށާއި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، އެ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ އޭރު އެގޮތަށް އިއުލާން ކުރެއްވުމުން ކައުންސިލަރުންގެ އަދަދު މަދުވެ، ޑިމޮކްރެޓިކް ރެޕްރެޒޭޝަނަށް އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި ކަމަށެވެ.

ނަމަވެސް، އެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް އަންނާނެ ބަދަލެއް ރައީސް ރޭ ވިދާޅުވެދެއްވި އެވެ.

"މިކަން ކުރެވިދާނެ ރައީސް ކަމަަށް ކުރިމަތިލާ މީހާ އެކުގައި ރަނިންގ މޭޓެއްގެ ގޮތުގައި ކުރިމަތިލައިގެން އެ މީހާއާ އެކުގައި ވޯޓުލާން، އެއިރު އެއް ފިކުރެއްގެ އެއް ހިޔާލެއްގެ އެއް ސިޔާސީ ފިކުރެއްގެ ދެ މީހުން ހޮވުމަށް ފުރުސަތު ލިބޭނެ،".

ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ވެސް ބަދަލު ކުރެވިދާނެ ކަން ފާހަގަކުރައްވާފަ އެވެ.

"ޑަބްލިއުޑީސީގެ ރައީސާއި ނައިބް ރައީސާއި އެއީ ފުލްޓައިމްކޮށް ނެގޭ މީހުންނަށް ހަދާ، ދެން ތިބޭ މީހުންނަކީ މިހާރު ތިބޭ ގޮތަށް އެލަވެންސް ލިބޭ މީހުންނަށް ހެދިދާނެ، ސިޓީ ތަކުގައިވެސް މޭޔަރާއި، ޑެޕިޔުޓީ މޭޔަރު އެކަނި އެއީ ފުލްޓައިމްކޮށް، އެގްޒެކެޓިވް ރޯލް އަދާ ކުރާ މީހުންގެ ގޮތުގައި، އިންތިހާބުކޮށް ދެން ތިބޭ ހުރިހާ ކައުންސިލަރުންނަކީ ޕާޓްޓައިމްކޮށް ކޮންމެ ޖަލްސާއަކަށް ލިބޭ އެލަވެންސްއެއް ލިބޭ ބަޔަކަށް ހެދުން،".

މިހެން ހެދުމުން ވަރަށް ބޮޑުތަނުން ހިންގުމުގެ ހަރަދު ކުޑަވެގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މީގެ ސަބަބުން ކައުންސިލަރުން ހޮވަން ޖެހޭ އަދަދަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ "ޕަބްލިކް ޑިބޭޓެއް" ކުރުމަކީ އެއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެެވެ.

ރައީސް ވިދާޅުވީ، ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި ވެސް އެ ގޮތަށް ކައުންސިލަރުން ތިބޭ ކަމަށެވެ.

ބައިވެރިވާ ކޮންމެ ޖަލްސާއަކަށް އެލަވަންސެއް ދޭ ގޮތަށް ބަދަލެއް ގެނެސްފި ނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް ވެސް ބަދަލެއް ނާންނަ ކަމަށާއި އޭރުން ބޮޑު ހަރަދެއް ސަލާމަތް ވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު