ޚަބަރު
އާ އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ރައީސްގެ ދެކަނބަލުން ފޮނުއްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، 2025 ވަނަ އަހަރުގެ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ގައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނަށްވެސް ތަހުނިޔާ ވިދާއެޅުވެފައިވެ އެވެ.

މީލާދީ އާ އަހަރުގެ މުނާސަބަތުގައި ރޭ ފޮނުއްވި ހިތާބުގައި ރައީސް މުއިއްޒު ވަނީ މިފެށުނު 2025 ވަނަ އަހަރު ވެގެންދާނީ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަކަށް ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހި ދައުލަތަކީ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެކެވެ.

އެގޮތުން ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ގައުމިއްޔަތު ދިފާއުކޮށް ކަށަވަރުކުރުމާއި، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ބޭސްފަރުވާއާއި އާންމު އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމާޒު ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމާއި ދުސްތޫރީ އިސްލާހުތަކާއި އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިގްތިސާދުވެސް ފާހަގަކުރެއްވި އެވެ. މިހުރިހާ ކަމަކާއެކީގައި ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެއް އޮތް ކަމުގައިވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު