ޚަބަރު
އެސްއީޒެޑްގައި އިންވެސްޓުކުރެވޭނެ ކުޑަ މިންވަރާއި، ކުރެވޭނެ މަސައްކަތްތައް ބުނެފި
ދިވެހިރާއްޖޭގައި ގާއިމުކުރާ އިގުތިސާދީ ހާއްސަ ސަރަހައްދުތައް ނުވަތަ އެސްއީޒެޑްތަކުގައި ކުރެވޭނެ މަސައްކަތްތަކާއި އެތަންތަނުގައި އިންވެސްޓުކުރެވޭނެ އެންމެ ކުޑަ މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ. 

މި ގަރާރަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ވަނީ ބަދަލުތަކެއް ގެންނަވާފަ އެވެ.

މީގެ ކުރިން އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓަކީ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓަކަށްވާން ޖެހެ އެވެ.

އެކަމަކު ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރާއެކު އެސްއީޒެޑްގައި 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭނެ އެވެ.

އެސްއީޒެޑްގައި ހިންގިދާނޭ އިގްތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ ޖުމުލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ. 

އިސްތިރާޖީ ގޮތުން މުހިއްމު އިންވެސްޓުމެންޓުތަކުގެ ތެރެއިން 100 މިލއިަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓުމެންޓުގެ ގޮތުގއި ނުވަ ދާއިރާއެއްގެ އިންވެސްޓުމެންޓު ގަރާރުގައި ރައީސްވަނީ ހިމަނުއްވާފަ އެވެ. އެއީ: 

  •  އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
  •  ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.
  •  ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
  •  ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީޓީއާ ގުޅޭ ފެސިލިޓީތައް.
  •  އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
  •  އިޢާދަ ކުރަނިވި ހަކަތައިގެ ދާއިރާ.
  •  ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
  •  ފުޑް ސެކިއުރިޓީގެ ދާއިރާ.
  •  ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
އަދި ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް ޓައުންޝިޕު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އިންވެސްޓުކުރަން ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދުކަމަށްވާ 500 މިލިއަން ޑޮލަރު ހާއްސަކުރަންވާނީ ދެމެހެއްޓެނެވި ތަރައްގީއާ އެއްގޮތަށް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭ ބައިތަކަށް ކަމުގައިވެސް ގަރާރުގައި ރައީސް ކަނޑައަޅުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު