ޚަބަރު
ވިއްސާރައަށް ތައްޔާރުވާން ކާރިސާ ކޮމިޓީއެއް އުފައްދައިފި
މާދަމާ އިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެތީ، އެކަމަށް ތައްޔާރުވާން މާލޭ ސިޓީ ކައުންސިލުން ކާރިސާ ކޮމިޓީއެއް އުފައްދައިފި އެވެ.

މެޓް އޮފީހުން ވަނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށް އަންދާޒާކޮށްފައެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭ ބުނެފައިވެ އެވެ. އަދި، ހާއްސަކޮށް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަ ވެދާނެ ކަމަށް މޫސުމާ ބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ، ކައުންސިލުން ޚާއްސަ ކާރިސާ ކޮމިޓީއެއް އުފައްދައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އަދި އެންމެ ބޮޑަށް ފެން ވަންނަ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މިމަހުގެ ފުރަތަމަ ހަފްތާގައި މާލެއާއި އުތުރުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި، މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވެއެވެ.

މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ފިހާރަތަކާއި މީހުން ދިރިއުޅޭ ގެތަކަށް ފެން ވަނުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ. އަދި އެ ފަހަރު ޕަމްޕުތައް ބަހައްޓައިގެން ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގައި މާލޭގެ މަގުތަކުން 30،000 ޓަނުގެ ފެން މާލެއިން ބޭރުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު