ޚަބަރު
އިއްޔެ އެންމެ ވިއްސާރަކުރީ މާލެއަށް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ މާލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށާއި އެއީ 130.7 މިލިމީޓަރުގެ ވާރޭ ކަމަށެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލެއަށް ވަނީ 79.5 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި، ތިންވަނަށް އެންމެ ގިނައިން ވާރޭ ވެހުނު އއ. ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރޭ ފަތިހު 4:45 އިން މިއަދު ހެނދުނު 8:45 އަށް އޮރެންޖް އެލާޓް ވެސް ނެރެފަ އެވެ.

ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އއ. ތޮއްޑޫއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.

ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ދަނީ މާލޭގެ އަށް ސަރަހައްދެއްގައި 19 ޕަންޕު ބަހައްޓައިގެން ފެން ހިއްދުމުގެ މަސައްކަތް ކުރަމުންނެވެ.

މެޓް އޮފީހުން ބުނީ މިއަދު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިއަދު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު، ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެ ހިސާބު ރަށްތަކަށް ވެސް ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެހެންވެ، ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ މިއަދު މެންދުރު ފަހު 3:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރުމުގެ ކުރިން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ވައިޓް އެލާޓް ވެސް ނެރުނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު