ޚަބަރު
ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މަނާކުރާކަށް ނޫޅެން: ސަރުކާރު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކް ކުރުމަށް ސަރުކާރުން ނުވިސްނާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން މިހެން ބުނެފައި މިވަނީ ޓިކްޓޮކް އާއި އެކްސް ބްލޮކް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވާދަވެރި ސިޔާސީ ފަރާތްތަކުން ބުނަމުންދާ ވަގުތެއްގައެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވެ އެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވެ އެވެ،" ހީނާ ވިދާޅުވި އެވެ. 

ރަޖިސްޓްރީނުކޮށް ހިންގާ ބައެއް ނޫސް ވެބްސައިޓްތަކުގައި ސަރުކާރުގެ ވެރިންނާ ގުޅޭ ގޮތުން އެކި ވާހަކަ ފަތުރައިގެން ސަރުކާރުން ފުރަތަމަ އެ ވެބްސައިޓްތައް ބްލޮކްކުރި އެވެ. ފަހުން ފާޑުކިޔުން އަމާޒުވުމުން އެ ސައިޓުތައް ދޫކޮށްލި އެވެ.

މީޑިއާ ކައުންސިލުން ވެސް ބުނާ ގޮތުގައި، އެ ކައުންސިލަށް ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ އެންމެ ގިނަ ޝަކުވާ އަންނަނީ ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުންނެވެ. އެގޮތުން، މީޑިއާތަކުގައި ޝާއިއުކުރި ކޮންޓެެންޓާ ގުޅިގެން ރައީސް އޮފީހުން އެކަނި 80އަށް ވުރެ ގިނަ ޝަކުވާ މިދިޔަ އަހަރު ހުށަހަޅާފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު