ޚަބަރު
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމެވި ނިންމުން ބަދަލު ކޮށްފި
ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން މިދިޔަ އަހަރު ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ބަދަލު ކުރައްވައި، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ އެ ނިންމެވުމާ ގުޅިގެން އަންނަ ފެބްރުއަރީ 6، ގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ބަންދުވާނެ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމެވުމަށްފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ރިޔާސީ ބޔާން އިއްވަވާ ދުވަހަކީ ކުރިއްސުރެ ބަންދު ދުވަހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2014 ގަ އެވެ. އޭގެ ފަހުން އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަލުން ކަނޑައެޅުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި އެމަނިކުފާނުގެ ދެންނެވުމަކުންނެވެ.

ސޯލިހުގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވި ހުރިހާ ދުވަހެއް ވެސް ވަނީ ސަރުކާރު ބަންދުކޮށްފަ އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ ރައީސް ރިޔާސީ ބަޔާން އިއްވުމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގެ އާ ދައުރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަށާއިރު އޭގެ ކުރިން މި މަހު ދައުރުން ބޭރުން ދެ ޖަލްސާއެއް ކުރިޔަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ޖަލްސާ ބާއްވަނީ މާދަމާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު