އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ކާނިވަލެއް ބާއްވައިފި
މަރިޔަމް އަނާ
17 ޖެނުއަރީ 2025 - 11:05
0 comments
ރާއްޖެ ޕްރޮމޯޓު ކުރަން އިންޑިއާގައި ބޭއްވި ކާނިވަލްގެ ތެރެއިން
އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް އިންޑިއާގެ ޕިކްޔުއާޓްރެއިލް އާއި އެމްއެމްޕީއާރުސީ ގުޅިގެން އެ ގައުމުގައި ކާނިވަލެއް ބާއްވައިފި އެވެ."މޯލްޑިވްސް މަހާއުތާސާވް" ގެ ނަމުގައި އިންޑިއާގެ ގުރުގާއޯންގައި ބޭއްވި ޕްރޮމޯޝަނަލް ކާނިވާ ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރާއި އާދީއްތަ ދުވަހު އެވެ.މި ކާނިވާ ރަސްމީކޮށް ހުޅުވައި ދެއްވީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އެވެ.އިންޑިއާގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް ކުންފުނި، ޕިކްޔުއާޓްރެއިލްއިން އިންތިޒާމު ކޮށްގެން ބޭއްވި އެ ކާނިވަލުގެ މައިގަނޑު އަމާޒަކީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ ކައިވެނި މޫސުމުގައި ރާއްޖެއަށް ޒިޔާރަތްކޮށް ހަނީމޫން ހެދުމުގެ އިތުރުން ރާއްޖޭގައި ކައިވެނި ހަފުލާތައް ބޭއްވުމަށް ހުރި ފުރުސަތުތައް ދައްކައިލުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.އިންޑިއާގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެއް މިދިޔަ އަހަރު ވެސް އެމްއެމްޕީއާރުސީން ހިންގާފައިވެ އެވެ.އެ ގައުމުގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ކުރަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އޭގެ ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު މިދިޔަ އަހަރު މަދެވެ.އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ރާއްޖެ ބްލެކްލިސްޓު ވެސް ކުރި އެވެ.
ކިޔުންތެރިންގެ ޝުއޫރު