ޚަބަރު
ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ހިދުމަތް ފަށަނީ
މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށާއި، އެ ގޮތުން ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް  މި ފަދައިން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

ރ. އުނގޫފާރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ. މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ.އުނގޫފާރު ވެގެންދާނެ ކަމުގެ އުންމީދު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވި ކަމުގައި ވީ ނަމަވެސް، މޫސުމީ ގޮތުން ފުރުސަތު ފަހިވުމާއެކު ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި، ރ. އުނގޫފާރުގައި 500 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހަމަ މި ފަދައިން ރަށުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަރބަން ސެންޓަރެއްގެ ފެންވަރުގައި ރަށް ތަރައްޤީވެގެން އަންނައިރު، 1 ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތައުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ހަމަ މިއާއެކު ރަށުގެ ޞިއްޙީ ދާއިރާއަކީވެސް އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެ ގޮތުން، 3 އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދުގެ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، ކުޑަ ރަށެއް، ބޮޑު ރަށެއް ފަރަޤު ކުރުމެއް ނެތި، ޒިންމާދާރު ކަމާއެކު ތަރައްޤީ ހޯއްދަވައިދެއްވުން ކަމުގައި ވާހިނދު، ރ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިފައި ނެތް ނަމަވެސް، ރ. ދުވާފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ހަލުވި ދުވެލީގައި މިހާރުވެސް ކުރިއަށް ދާ ކަމަށާއި، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޚިދުމަތް ދެވެން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

މީގެ އިތުރުން، ޤައުމީ ފެންވަރުގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި، އަމަލީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެއް ކަމަކީ ދިވެހިރާއްޖެއަކީ ކޮރަޕްޝަނާއި ރިސްވަތުގެ ފަސާދައިން މުޅިން ނުވަތަ ވީހާވެސް ބޮޑަކަށް ސަލާމަތްވެފައި އޮތް ޤައުމަކަށް ހެއްދެވުމެވެ. 

ދާދި ފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތްކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓޯނިއާ ފަދައިން، ދިވެހިރާއްޖެއަކީވެސް އާންމު ހިދުމަތްތަކާ ގުޅޭ ހުރިހާ ކަމެއް އެއް ވިއުގައެއްގެ ތެރެއިން ޑިޖިޓަލައިޒްކޮށްގެން ހިދުމަތް ދެވޭ ޤައުމަކަށް ހެއްދެވުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. ހިދުމަތް ދިނުމުގައި އިންސާނީ ބައިވެރިވުން މަދުކޮށް، ޑިޖިޓަލައިޒް ކުރެވޭ ހިސާބުން ކޮރަޕްޝަންގެ ފަސާދަ ކުޑަވެގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިކަންކަން ކުރައްވާނީ އެކަމަށް ބޭނުންވާ ޤާނޫނުތައްވެސް ހައްދަވައިގެން ކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގުޅިގެން ދާދި ފަހުން ޤާނޫނަށް ގެންނެވި ބަދަލުތަކަށް ފާޑުކިއުންތައް އަމާޒުކޮށް، ޙަޤީޤަތް އޮޅޭ ފަދަ ގޮތަށް ދެކެވެމުންދާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. މި ބަދަލުތަކަކީ ވަކި ބަޔަކަށް ފައިދާއެއް ހޯއްދަވައިދެއްވުމަށް ކުރެއްވި ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ ވިސްނުން ހުރީ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ބަލި ޖެހުމުގެ ކުރިން އެ ބަލިތަކުން ދިފާޢުވުން ނުވަތަ ޕްރިވެންޓިވް ހެލްތު ކެއަރގެ ރާސްތާއިން ކުރިއަށް ދިއުން ކަމުގައި ފާހަގަކުރެއްވިއެވެ. އެހެން ކަމުން ރަށު ރޫޙުގައި ރައްޔިތުން ތެދުވެ، އެ ރަށަކީ ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށް މަސައްކަތް ކުރުމަށްވެސް ރައީސް ވަނީ ހިތްވަރުދެއްވާފަ އެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަތޮޅު ކައުންސިލުގެ މެންބަރުންނާއެކު މުހިންމު މަޝްވަރާތަކެއްގައި ވަފުދުގެ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު