ޚަބަރު
އަންނަ މަހު ފައިނުގައި އެއާޕޯޓު އަޅަން ހަވާލުކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން ފައިނު ކައުންސިލާއެކު --
މިދިޔަ ސަރުކާރުގެ ތެރޭގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން ނާޅަން ނިންމި ރ. ފައިނު އެއާޕޯޓު އަޅަން އަންނަ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފައިނުގައި އެއާޕޯޓެއް އަޅައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މިއަދު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެންމެ ފުރަތަމަ ވެސް ރައީސް ނަންގެންނެވީ އެ އެއާޕޯޓުގެ މަސައްކަތެވެ.

"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކީގަ، މިއަންނަ މަހު، ފެބްރުއަރީ މަސް ތެރޭގައި އެގްރިމެންޓް ކުރުމަށް މިހާރު ނިންމާފަވާ ވާހަކަ،" ރައީސް ވިދާޅުވި އެވެ. 

އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ސަރަހައްދާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގެންދާ ސަރަހައްދާ ދިމާވާ މައްސަލަ ހައްލު ކުރަން ބަދަލުތަކެއް ގެންނާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ފެނާއި ނަރުދަމާގެ މަސައްކަތް ނުހުއްޓޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މުއިއްޒު ވިދާޅުވީ އެއާޕޯޓު އަޅާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން މިދިޔަ ސަރުކާރުން ރާވާފައި އޮތީ އެއާޕޯޓުގެ މަޝްރޫއަށް ހުރަސް އެޅުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ފައިނުގައި އަޅާ އެއާޕޯޓުގެ ސަބަބުން މުޅި އަތޮޅަށް ވެސް އިގްތިސޯދީ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. މިއީ އަތޮޅުގެ ޓޫރިޒަމަށް ވެސް ވަރަށް އުންމީދީ އެއާޕޯޓެއް ކަމަށާއި، އެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ހަދަން ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އަދި، އެއާޕޯޓުގެ ސަބަބުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް، މިއަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް އައިސް، އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަކަށް ވާނެ. އިގްތިސޯދީ ގޮތުން ކުރެވޭ އިންވެސްޓްމެންޓަކަށް ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ވެގެންދާނީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫއެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު