ރަނގަޅު ފެންވަރެއްގެ ތައުލީމެއް ދެވޭނީ ޓެކްނޮލޮޖީއާއެކު: ރައީސް
މަރިޔަމް އަނާ
24 ޖެނުއަރީ 2025 - 18:47
0 comments
ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި، އެ ގައުމުގެ މިއުޒިއަމަށް ޒިޔާރަތް ކުރައްވަނީ
ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއް ހުރި ޤައުމެއްގައި ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ދެވޭނީ ފަންނިއްޔާތު މެދުވެރިކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ތަޢުލީމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތައުލީމު ދުވަހުގެ ޝިއާރަކީ "އޭއައި އެންޑް އެޑިއުކޭޝަން: ޕްރިޒާވިން ހިއުމަން އޭޖެންސީ އިން އަ ވޯލްޑް އޮފް އޮޓޮމޭޝަން" އެވެ.އޭއައިއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ.ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޒަމާނެއްގައި ފަންނިއްޔާތާއި ތައުލީމު އެއްކޮށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ބޭނުމަކީ މަތީފަންތީގެ އީ-ލާނިން ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖަންސާއި ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި ހިމަނައިގެން ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކުރުން ކަމަށް ވިދާޅުވި އެވެ.ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުން ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވާލަމުންދާ ކަން ފާހަގަކުރައްވައި، "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.ސަރުކާރުން ރާއްޖޭގެ ފަންނިއްޔާތުގެ ދައިރާ ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަޢުލީމީ ދައިރާއާއި ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިކަންކަމާގުޅޭ މުހިންމު މަޝްވަރާތަކެއް އެމަނިކުފާނު ދާދި ފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކުރައްވާފަ އެވެ.
މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް، އެއްބަސްވުމެއް ދާޚިލީ ވުޒާރާއާއި އެސްޓޯނިއާގެ މިނިސްޓްރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ދެމެދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދޭނެއެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގިނަ ދައިރާތަކުން އެހީތެރުވުމަށް އެސްޓޯނިއާއިން ތައްޔާރަށް ތިބިކަން ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް ވަނީ ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއަރުވާއިރު، ތަޢުލީމީ ދާއިރާގެ ތެރެއިންވެސް މިކަން ކުރަންޖެހޭކަން މީގެ ކުރިން ފާހަގަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު