
ޕީޖީ އޮފީހުން ބުނިގޮތުގައި އޭސީސީން ހިނގާ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ލިބިފައިވާތީ، އެކަން ޕީޖީ ވަނީ ބައްލަވައިފަ އެވެ. އެގޮތުން ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އެހެންވެ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި އެ މާއްދާގެ (ފ) ގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގު ކުރަމުންދާ ހުރިހާ ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ވަނީ އެކުލަވާލައިފަ އެވެ.އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ."މި އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން މި އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމެވެ،" އެ އޮފީހުން ބުންޏެވެ.