ޚަބަރު
ތިނަދޫގައި ރޯދަ މަހު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުހިންގަން އަންގައިފި
ކުރިއަށް ރޯދަ މަހު ވީހާ ވެސް ބޮޑަކަށް އަޅުކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، ހުރިހާ ކަމެއް ވެސް އަޅުކަމަށް މަގުފަހިވާ ގޮތަށް ބެހެއްޓުމަށް ގދ. ތިނަދޫ ކައުންސިލުން އުސޫލެއް އެކުލަވާލައި މިއަދު އާއްމުކޮށްފި އެވެ. އެއާ އެކު، ރޯދަ މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުގައި ވެސް އެއްވެސް ބާވަތެއްގެ ކުޅިވަރެއް އަދި މުނިފޫހިފިލުވުމުގެ ހަރަކާތެއް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

"ދުވާލުގެ ވަގުތު ވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން،" ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނިގޮތުގައި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ އެވެ. އަދި ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް އެ އިއުލާނުގައި އަންގާފައިވެ އެެވެ.

ކައުންސިލުން ބުނީ ކުޅިވަރާއި މުނިފޫހިފިލުވުމަށް ހަރަކާތެއް ކަމަށް ނުބެލެވޭ ރަސްމީ ހަރަކާތެއް ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ހާލަތެއްގައި ނޫނީ ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ރޯދަ މަހާ ގުޅުން ހުރި ދީނީ ހަރަކާތްތައް ބޭއްވިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ކައުންސިލުން ބުނީ މި ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްތުގައި އެ އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް، އެއިން ތަނެއްގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭނެ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

"ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ރަމަޟާން މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ފެނިފައިވާ ރިވެތި މިސާލު ފާހަގަކޮށް ސިޓީގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ރައްޔިތުންނަށް މިފުރުޞަތުގައި ފަށްފަށުން ޝުކުރު ދަންނަވަން." ކައުންސިލުން ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު