ވިޔަފާރި
ދަ ގާޑަންސް މަޝްރޫއު ނިންމާފައިނުވާތީ އެއްބަސްވުން ބާތިލުކުރަނީ
ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑްންސް' ފްލެޓުތަކުގެ މަސައްކަތް އަދިވެސް ނިންމާފައި ނުވުމުގެ ސަބަބުން ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރާއެކު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ކުންފުންޏަށް ފަހު ނޯޓިސް ދީފިއެވެ.

ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ނިންމާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ދަ ގާޑަންސް' ޕްރޮޖެކްޓު ނިންމުމަށް އެކި ފަހަރު މަތިން ޖާހުއަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

"ނަމަވެސް [މި]އަދާ ހަމައަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، މިކުންފުންޏާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، މިކުންފުނީގެ ބޯޑުން ނިންމައި އެ ނޯޓިސް ވަނީ 27 ޖަނަވަރީ 2025ގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިފައެވެ." އެޗްޑީސީ އިން ބުންޏެވެ.

އަދި އެ ފިޔަވަޅު އަޅާފައި ވަނީ ޖާހު ކުންފުނިން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައިކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ޖާހު ކުންފުނިން ފްލެޓުތައް ނުނިންމައި ގިނަ ދުވަސްވެފައިވާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވާ މައްސަލައިގައި ގެއްލުންވީ ރައްޔިތުންނަށް ބަދަލުދޭން އެދި ޖެނުއަރީ 19ގައި ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ލައިފައެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަށް އެ ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެއަހަރު ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ.

މި ލަގްޒަރީ ހައުސިން ޕްރޮޖެކްޓްގައި 83 އެޕަރޓްމަންޓް ހިމެނެއެވެ. އެގޮތުން މި ޕްރޮޖެކްޓްގައި ހިމެނެނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު