ޚަބަރު
ދިރާގު ރޯޑް ރޭސް އަންނަ މެއި މަހު ފުވައްމުލަކުގައި ބާއްވަނީ
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން -- ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ފުރަތަމަ ފަހަރަށް އެއް ރަށް ހިމެނޭ ހަމައެކަނި އަތޮޅު -- ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމާ އެކަން މިއަދު އިއުލާނުކޮށްފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ އެ ދުވުން "ދިރާގު ފުވައްމުލައް ރަން" ނަމުގައި ވަނީ ލޯންޗު ކޮށްފަ އެވެ.

ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ދިރާގު ރޯޑް ރޭސްގެ ދަށުން މާލެއިން ބޭރުގައި ބޭއްވުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

"ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސަޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަލީ ރިޔާޒް ވިދާޅުވީ އެ އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްއޫރުވެގެންދާނެ ކަމަށެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުީ ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ އެ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި އިވެންޓުގެ ސަބަބުން ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، ފުވައްމުލަކަކީ ދިވެހި އަދި ބައިނަލްއަގްވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންކަމުން ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން 'ދިރާގު ފުވައްމުލައް ރަން' ގައި ބައިވެރިވެ މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދައުވަތު އަރުވަން. އަޅުގަނޑުމެން މި ތިބީ މި ދުވުމުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާ އެއް ކިޔުމަށް ތައްޔާރަށް،" މޭޔަރު ވިދާޅުވި އެވެ.

ދިރާގު ފުވައްމުލައް ރަން އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރް ފުޅާކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު