ވިޔަފާރި
ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދީފި
ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދޭން މިއަދު ފަށައިފިއެވެ.


މިކަން އިއުލާންކުރީ މިއަދު ދިރާގުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ލިބިގެންދާ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭވަރުގެ ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބަ ހިދުމަތް 100 އިންސައްތަ އާބާދީއަށް ފޯރުކޮށްދީފައި ވަނީ މަދު ގައުމެއްގަ އެވެ.

ބްރޯޑްބޭންޑްއަކީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭ ކަމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ހިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެކެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ،   ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމަކީ އެންމެނަށް އެއް ފެންވަރެއްގައި ހަމަހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނާނީ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމައަށް އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދިނުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ފަސް އަހަރެއްހާ ދުވަސްވަން ދެން ވަނީ މަސައްކަތް ކޮށްފަ އެވެ. މި ހިދުމަތް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މިހާރު ލިބޭނެ އެވެ.

ދިރާގަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާވެގެންދިއުމުގެ ސަބަބުން އެންމެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ މުޖުތަމައުތަކަށް ވެސް ޑިޖިޓަލް އެކްސެސް އިތުރުވެ، ޑިޖިޓަލް އިގުތިސާދެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ވޭތިވެދިޔަ 36 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެމުންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު