އަހުމަދު ނިހާން
04 ފެބުރުއަރީ 2025 - 17:19
0 comments
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ފަސް އަހަރަށް އެންސްޕާ ހިންގާނެ އިމާރާތެއް ކުއްޔަށް ނަގަނީ --
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ، އެ ކަމަށް ޝަރުތުހަމަވާ މީހެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތީން ކަމަށް ބުނެފައެވެ.އެގޮތުން، ބީލަމުގައި ބެރިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި މާދަމައިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ފައިސާ ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.އޭގެ އިތުރުން، މިކަމާ ގުޅޭ ލިޔެކިޔުންތައް މާދަމައިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭއިރު، ބީލަން ހުށަހަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16އެވެ.ޖުމުލަ 252،000 ރުފިޔާ ބިޑު ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭއިރު، އޭގެ މުއްދަތަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަސް ކަމަށެވެ. އެގޮތުން، ބިޑު ހުޅުވުން އޮތީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރެވެ.އެންސްޕާ މިހާރު ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން ކުރިން ބުނެފައި ވެ އެވެ.އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާން ކުރިއިރު، އެންސްޕާ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ.
އެންސްޕާ ހިންގަން ތިން ފްލޯ އޭރު ކުއްޔަށް ނެގީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިންނެވެ. އެކަމަކު އެެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ.އެ މައްސަލާގައި ފާޑުކިޔުން އަމާޒުވީ އެންސްޕާ ހިންގުމަށްޓަކައި ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ޓެންޑަ ބޯޑުން ނިންމުމުންނެވެ.އެ ގޭގައި އެންސްޕާ ހިންގަން މިދިޔަ އޮގަސްޓް މަހު އެވޯޑްކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތަށް އެތަނުގެ ކުއްޔަކީ 34.8 މިލިއަން ރުފިޔާ އެވެ.ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މައްސަލާގައި އެންމެ ފަހުން އެއްބަސްވުން ބާތިލުކުރަން އެމްއެމްޓީވީން ހުށަހަޅާފައިވާތީ އެ އެޖެންސީން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށް އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އޭރު އެންސްޕާއިން ވަނީ ބުނެފަ އެވެ.މި މައްސަލަ އޭސީސީންވެސް ދަނީ ބަލަމުންނެވެ. ނަމަވެސް، މިކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް މުއިއްޒު ޑިސެމްބަރު 22، 2024 ގައި ވިދާޅުވީ މައްސަލަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށެވެ."އަޅުގަނޑާ ހަމައަށް އެކަމުގެ [އެންސްޕާގެ] އެއްވެސް މައުލޫމާތެއް އަދި ނާދޭ އެނގޭތޯ. އަޅުގަނޑާ ހަމައަށް ލިބިއްޖެއްޔާ އަޅުގަނޑު ހަމަ ކަމާބެހޭ ފަރާތްތަކަށް ދެންމެގަ ވެސް މިދެންނެވި ފަދައިން ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.