ޚަބަރު
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

އެންސްޕާއިން ވަނީ އެ އެޖެންސީ ހިންގާނޭ އޮފީސް އިމާރާތެއް ހޯދުމަށް މި ފެބުރުވަރީ މަހުގެ ހަތަރުވަނަ ދުވަހުވެސް އިއުލާނުކޮށްފައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ އެންސްޕާގެ އެދުމުގެ މަތީން އެ އެޖެންސީ ހިންގާނޭ އޮފީސް އިމާރާތެއް ފަސް އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނޭ ފަރާތެއް ހޯދުމަށް މިނިސްޓްރީއިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން ބީލަމަށް ހުޅުވާލިކަމަށެވެ.

މިނިސްޓްރީއިން ބުނީ އެ ކަމަށް ޝަރުތުހަމަވާ މީހެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތީން ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެންސްޕާ ހިންގަން ފުރަތަމަ ކުއްޔަށް ނެގީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިން ތިން ފްލޯ އެވެ. އެކަމަކު އެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ.

އެ މައްސަލާގައި ފާޑުކިޔުން އަމާޒުވީ އެންސްޕާ ހިންގުމަށްޓަކައި ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ހިންގުމަށް ޓެންޑަ ބޯޑުން ނިންމުމުންނެވެ.

އެ ގޭގައި އެންސްޕާ ހިންގަން މިދިޔަ އޮގަސްޓް މަހު އެވޯޑްކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތަށް އެތަނުގެ ކުއްޔަކީ 34.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފަހުން ފާޑުކިޔުން އަމާޒުވުމުން އެއްބަސްވުން ނިމުމަކަށް ގެނަ އެވެ.

އެންސްޕާ މިހާރު ހިންގަމުން ދަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން ކުރިން ބުނެފައި ވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު