
ގައުމުގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވި ގޮތުގައި، ސަބްސިޑީ އާއި އާސަންދަ އާއި ޕެންޝަން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ބަޖެޓުގައި ހިމަނައި، ސަރުކާރުން އިއުލާނުކޮށްފައިވާ ކަމަށެވެ.ނަމަވެސް، އަހަރުގެ ދެވަނަ މަސް ނިމުމުގެ ކުރިން، ސަރުކާރުގެ ރާގު މުޅިން ބަދަލުވެ، ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ބަދަލުގައި، އެ ކަންކަމުގެ ހަރަދުތައް އަދިވެސް އިތުރުވާ ގޮތަށް، ރައްޔިތުންނަށް ވައުދުތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ."ބަޖެޓުގައި އެބައޮތް 7.7 ބިލިއަން ރުފިޔާ ހަރަދުތައް ކުޑަކޮށްގެން ސަލާމަތްވާނެ ކަމަށް ލަފާކޮށްފައި. ނަމަވެސް މި ފެންނަނީ ޖެނުއަރީ މަސް ނިމިގެންދާއިރު ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތް. މި 7.7 ބިލިއަން ރުފިޔާ ސޭވް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އަމީރު ތުހުމަތު ކުރެއްވި އެވެ.ބަޖެޓުގައި ނެތް ކަންކަމަށް ވެސް ރައީސް ވައުދުވަމުން އަންނަ ކަމަށާއި ބޮޑެތި ވަފްދު ހަދައިގެން ކެމްޕޭން ދަތުރުތައް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ. އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންކަން ވެސް ބޮޑުތަނުން ފެއިލްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."މި ގަބޫލުކުރަނީ މި އަހަރު ތެރޭގައި ފާސްކުރި ބަޖެޓުގައި އިން ޑެފިސިޓަށް ވުރެ 2025 ގެ ޑެފިސިޓް ބޮޑުވެގެންދާނެ. ކަރެކްޓިވް މެޝާސް ނެގުމަށް އަޅުގަނޑު ސަރުކާރަށް ގޮވައިލަން. އެކަމަކު އެ ގާބިލުކަން ސަރުކާރުގައި ހުރި ކަމަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.މީގެ އިތުރުން، ސަރުކާރަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ތަން ފެންނަ ކަމަށާއި މިހާތަނަށް އަމަލުތައް ހުރި ގޮތުން ދަތުރުފަތުރާއި އިދާރީ ހިންގުމާއި ސިޔާސީ މަގާމުތަކަށް ކުރާ ޚަރަދުތައް ބަޖެޓުގައި ހުރި މިންވަރަށް ވުރެ ކުރާނެކަމަށް އޭނާ ފާޙަގަކުރެއްވިއެވެ.މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްނުވަނީސް، މިދިޔަ އޮކްޓޯބަރު މަހު މި ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. އެެއާއެކު މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ވަނީ މި އަހަރު ބަޖެޓާ އެއްގޮތަށް މާލީ ކަންކަން ކުރިއަށްދާނެކަމުގެ ޔަގީންކަންދީފައެވެ. އަދި، މި އަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހި ނިންމާލެވޭނެ ކަމަށް އޭރު ސަރުކާރުން ބުންޏެވެ.