ޚަބަރު
އައިއެމްއެފްއިން އަނެއްކާ ވެސް ގޮވައިލީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން
މާލިއްޔަތު އަދި އިގްތިސޯދީ ކޮމިޓީ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި އައިއެމްއެފްގެ ޓީމް ބައިވެރިވަނީ
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދަތިކަމާ ގުޅިގެން، ސަރުކާރުން އަޅަން ހުށަހަޅާފައިވާ އިސްލާހީ ފިޔަވަޅުތަކަކީ ކޮންމެހެންވެސް އަޅަންޖެހިފައިވާ ފިޔަވަޅުތަކެއް ކަމަށާއި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ވަގުތު ކުޑަތަންވަމުންދާ ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި، އިގްތިސޯދީ އަދި މާލީ ހާލަތު ވަޒަންކުރުމަށް ރާއްޖެ އައި އައިއެމްއެފްގެ ވަފުދުން ވަނީ އެމީހުންގެ ދިރާސާތަކުގެ އަލީގައި މައުލޫމާތުތައް ހިއްސާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި އެ ވަފުދުގެ ބޭފުޅެއް ކަމަށްވާ ނިކީ ސޮޑްސްރިވިބޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. އެގޮތުން ފާއިތުވި އަހަރު ފަތުރުވެރިކަމަށް ލިބުނު ކުރިއެރުން ފާހަގަކުރެއްވިއެވެ. ހާއްސަ ގޮތެއްގައި މައި އެއާޕޯޓުގެ އާ ޓާމިނަލާއެކު މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.

އެއާއެކު ރާއްޖޭގެ އިގްތިޞާދަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން، ސަބްސިޑީ ދިނުމުގެ އުސޫލު ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ ނިޒާމު އިސްހާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތައް އިސްކަން ދޭ ތަރުތީބަކުން ހިންގުމަށް ސަރުކާރުން އަޅަން ރާވާފައިވާ ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް، ދަރަންޏާއި ޑެފިސިޓް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އެތެރެ އާއި ބޭރުން ހުރި ޕްރެޝަރުތައް ބޮޑުވަމުން އަންނަ ކަމުގެ އިންޒާރު ޕިޔަޕޯން ދެއްވި އެވެ. 

"ހަރުދަނާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދަރަންޏާއި ފިސްކަލް ޑެފިސިޓް ދާނީ އިތުރަށް ބޮޑުވަމުން. މި ކަން ކުރުމަށް ވަގުތު ވަރަށް ކުޑަތަންވެއްޖެ،" އޭނާ ވިދާޅުވި އެވެ.

މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން އައިއެމްއެފްއިން ބުނީ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މަރުކަޒީ ބޭންކުން ގެންގުޅޭ އެކްޓިވް މަނިޓަރީ ޕޮލިސީއަކީ ރަނގަޅު ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ޓީބިލު ފަދަ ސެކިއުރިޓީތަކުގައި އިންވެސްޓުކުރުން އިތުރުވުމާ ގުޅިގެން ނިޒާމީ ގޮތުން މާލީ ދާއިރާގައި ހުރި ހިރާސް ބޮޑު ކަމަށް ޕިޔަޕޯން ވިދާޅުވި އެވެ. 

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެހެންވެ، އިސްލާހީ އެއްވެސް ފިޔަވަޅެއް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ނުގެން ގޮސްފި ނަމަ މި އަހަރުގެ ބަޖެޓުގައިވާ 57 ބިލިއަން ރުފިޔާ، 60 ބިލިއަން ރުފިޔާއަށް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު