ޚަބަރު
ދައުލަތުން ކޯޓަށް ނުފޫޒު ނުފޯރުވަން އަމުރުކޮށްދޭން އެދިއްޖެ
ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނުނިންމެނީސް އެ ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މިއަދު އެ ކޯޓުގައި އެދިއްޖެ އެވެ.

އެ މައްސަލަ ހުށަހެޅުއްވީ، އިސްލާހު ބާތިލުކުރަން ވެސް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. މި މައްސަލައަށް ތަދައްހުލް ވެފައިވާ އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުން ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރަން ވެގެން އުޅޭ ކަމަށެވެ. 

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އަލީ ހުސައިން ލިޔުއްވި ސިޓީގައިވަނީ، އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ކަމާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމާއި ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު އާންމުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ފަނޑިޔާރުންނަކީ މުސްތަގިއްލުކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ނެތި، އެންމެހައި ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން އަމަލުކުރަން ތިބި ފަރާތްތަކެއް ކަމަށް ގާނޫނުއަސާސިގައި ބަޔާންކޮށްފައިވާކަން އަލީ ފާހަގަކުރެއްވި އެވެ.

އެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރުން މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އަޅާނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވެ އެވެ.

އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.

މިއީ ރާއްޖޭގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރަން ކޯޓަކަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ. އެ މައްސަލާގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވެސް ވަނީ ތަދައްހުލްވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު