ޚަބަރު
އައްޑޫއަށް ފޮނުވި އާ ޖެންސެޓް ބޭނުންކުރަން ފަށައިފި
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެގެން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.

އައްޑޫގައި ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މަރާމާތުކުރަން ބޭނުންވާ ސްޕެއާ ނުފޮނުވި ލަސްވާތީ މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާ ޖެންސެޓެއް މިދިޔަ ހޯމަ ދަވަހު އައްޑޫއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އެވެ.

ފެނަކައިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑުގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޔަގީންކުރުމަށް، އެ ސިޓީގެ ސީޕީއެސްއަށް ހޯދި 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެެވެ.

ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނައިރު ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ނިންމޭނެ އެވެ. ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.

ރޯދަމަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވާއިރު އައްޑޫގައި ކަރަންޓުގެ ޑިމާންޑު ވެސް އިތުރުވާތީ އެކަމަށް ސަމާލުކަން ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު