ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު މަޖިލީހުން ބަލައިގެންފި
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ޕީއެންސީގެ ބައެއް މެންބަރުން ވާހަކަދެއްކެވި ނަމަވެސް އެ ބިލު މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސް ފެށީ މިއަދުގެ މަޖިލިސް ޖަލްސާގަ އެވެ.

އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ނިންމައި މިއަދު ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން، ބިލު ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަން ދައްކަން ސައްތާރު ލައްވައި އޭނާގެ އަމިއްލަ މެންބަރެއްގެ ބިލެއްގެ ގޮތުގައި ބިލް ހުށަހެޅުއްވުމަށް ފަހު، އެ ބިލަށް ޕީއެންސީގެ މެންބަރުންގެ ތާއިދު އޮތްތޯ ބެލުމަށް އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެތިން މެންބަރެއް ފިޔަވައި އެ ބިލް ފާސްކުރަން ތާއިދު ކުރާ މެންބަރަކު ނެތެވެ. ނަމަވެސް ޕީއެންސީގެ ލީޑަޝިޕުން ރޭގެ ވަގުތެއްގައި މެންބަރުންނަށް އެންގީ އެ ބިލަށް ތާއިދު ކުރުމަށެވެ.

އެ ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު