ވިޔަފާރި
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ގެނައި އެއާބަސް އޭ330 ބޯޓު
ގައުމީ އެއާލައިން މޯލްޑިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓު، އޭ-330 މަތިންދާބޯޓުގެ ދަތުރުތަކެއް އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްރަމަށް ކޮށްފި އެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖެއްސީ އިއްޔެ މެންދުރު ފަހެވެ.

ކޮޗިން އާއި ޓްރިވަންޑްރަމަށް މި ބޯޓު ދަތުރުކުރަން ފެށިއިރު މިއީ ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ދެ ސިޓީ އެވެ.

މީގެ ކުރިން ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓުގަ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވި ގޮތުގައި އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް އިއްޔެ ކުރީ ބޮޑު ޑިމާންޑެއް އޮތުމުންނެވެ.

ބައެއް މަންޒިލްތަކަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު ބޮޑުވެއްޖެނަމަ، މޯލްޑިވިއަނުން ބޮޑެތި ބޯޓުތައް އެ މަންޒިލްތަކަށް އޮޕަރޭޓު ކުރެއެވެ.

ގައުމީ އެއާލައިނަށް އޭ-330 އެއާކްރާފްޓެއް ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. މި އެއާކްރާފްޓުގައި ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރެއެވެ. އަދި އޭ-330ގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވިއަންއިން އަންނަނީ އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަށް ވެސް މަސައްކަތްކުރަމުންނެވެ. އެ  ބޯޓާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު