ޚަބަރު
ފްލެޓު ލިސްޓުން އުނިކުރި މީހުން ޝަކުވާ ހުށަހެޅުމަށް އެހީވާން އެމްޑީޕީން ޕޯޓަލްއެއް ގާއިމުކޮށްފި
މި ސަރުކާރުން ނެރުނު ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނުނު މީހުންނަށް އެހީވާން އިދިކޮޅު އެމްޑީޕީން ޕޯޓަލެއް ތައާރަފުކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީގަލް ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ ފްލެޓް ނުލިބޭ މީހުންނަށް އެހީވާން ގާއިމުކުރި އެ ޕޯޓަލްގެ ބޭނުމަކީ މި ސަރުކާރުން ފްލެޓު ނުލިބޭނެ ކަމަށް ބުނެ ނުހައްގުން ޑިސްކޮލިފައިކުރި މީހުންނާއި ފްލެޓު އެގްރީމަންޓުތަކުގައި ސޮއިކުރި ނަމަވެސް ބާކީ ކުރި މީހުންގެ ހައްގުގައި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން މައުލޫމާތު އެއްކުރުން ކަމަށެވެ.

"މިއީ ވަރަށް ސިމްޕަލް ސިސްޓަމެއް އަޅުގަނޑުމެން ގާއިމުކޮށްފައި މިއޮތީ. އެއްވެސް ފަރާތަކުން އައިޑީކާޑު ކޮޕީއެއް ފަދަ އެކަހަލަ ޕާސަނަލް މައުލޫމާތު، ޑޮކިއުމަންޓް މިއަށް ހުށަހަޅަން ޖެހޭ ގޮތަކަށް ނޫން އަޅުގަނޑުމެން މީތި ފަރުމާ ކޮށްފައި މިއޮތީ،" އޭނަ ވިދާޅުވި އެވެ. "ދެން މިއަށް އޮންލައިވުމުގައި ވެސް ވަރަށް ފަސޭހަ ސިމްޕަލް ގޮތަކަށް މި ފަރުމާ ކޮށްފައި މިއޮތީ."

އޭގެ އިތުރުން މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:15އިން ފެށިގެން 11:30އަށް ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށި ހަރުގެއަށް ގޮސް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.

ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިވި ކަމަށް މިނިސްޓްރީން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު