ޚަބަރު
ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު ގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު 13 ގައެވެ.

ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއްގައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ގައި ނިންމި އެ މައްސަލައިގައިވަނީ، އެމްއައިބީން ނަގައިފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރައިފައިހުރި 75،789.01 ރުފިޔާއެވެ.

އެ ހުކުމުގައިވަނީ، އެ ފައިނޭންސިން ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް، ފެސިލިޓީއާ ގުޅިގެން މަހުން މަހަށް އަރަމުންދާ މަންތުލީ ރެންޓަލް އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސް ކުރުމަށް އަންގައިފައެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯނިއާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ހުކުމްކުރީ ތިން މީހުންގެ ޣައިރު ހާޒިރުގައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމާއި، މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

މިއީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްއިރު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދާދިފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު