ވިޔަފާރި
އުރީދޫއިން 3.43 ރުފިޔާ އެ ކުންފުނީގެ ހިއްސާތަކަށް ބަހަނީ
އުރީދޫއިން 3.43 ރުފިޔާ އެ ކުންފުނީގެ ހިއްސާތަކަށް ބަހަނީ - ޕޮޓޯ/އުރީދޫ
އުރީދޫ މޯލްޑިވްސްއިން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ފާސްކޮށްފިއެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 60 މީހުންނާއި 11 ޕްރޮކްސީ ހޯލްޑަރުން މިރޭގެ ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 99 ޕަސެންޓުގެ ވޯޓުންނެވެ.

އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 16 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2023 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.27ރ. އެވެ.

ރޭގެ ޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 904،514ރ. ދިނުމަށް ކަނޑައަޅައިފަ އެވެ.

އުރީދުއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 684 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 685 މިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2،203 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު 2097 މިލިއަން ރުފިޔާއަށް ވުރެ 5 ޕަސެންޓު އިތުރުވުމެކެވެ.

ރޭގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިދިޔަ އަހަރަކީ އެ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި އެންމެ މުހިންމު އެއް މަސައްކަތަކީ 5ޖީ ހިދުމަތް ފުޅާކޮށް ރާއްޖޭގެ 60 ޕަސެންޓަށް އެ ހިދުމަތް ދިނުން ކަމަށް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ، އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ މިދިޔަ އަހަރު ޑިސެންބަރު 15ވަނަ ދުވަހު ބޭއްވި ޖަލްސާގެ ޔައުމިއްޔާ އެ ކުންފުނިން ފާސްކުރި ކަމަށެވެ. އަދި އޭގެ އިތުރުން މިދިޔަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި އޮޑިޓަރުންގެ ރިޕޯޓާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓުތައް ވެސް ފާސް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ މި އަހަރު އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކުރުމާއި އެ ފަރާތުގެ ފީ ވެސް ފާސް ކޮށްފަ އެވެ.

އެ ކުންފުނިން ބުނީ ރޭގެ ޖަލްސާގައި އުރީދޫގެ މައި ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރައްވާ ބޭފުޅުން ވެސް އުރީދޫގެ ބޯޑަށް އަލުން ހޮވާފައިވާކަމަށެވެ. އެ ހޮވި ބޭފުޅުންނަކީ ޖޯޖް ބޮވްރިން ޗެލެނާއި، ވިކްރަމް ސިންހާ އަދި މޯޒާ މުހައްމަދު އޭވައި ދާވިޝްއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު