ވިޔަފާރި
އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި
މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ކާމިޔާބުކުރި ހައިޝަމް ވަހީދު. -- ފޮޓޯ/ އުރީދޫ
އަގުހުރި ވަނަތަކާ އެކު އުރީދޫ ނޭޝަންގެ ކުލަގަދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފި އެވެ.

މި ފެސްޓިވަލް ނިންމާލީ ކޮސްޕްލޭގެ މުބާރާތުންނެވެ. އެ މުބާރާތުގައި ކޮސްޕްލޭގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމްތައް ދައްކާލައި ކެރެކްޓާތަކުގެ ގޮތުގައި ވަނީ ޕާފޯމްކޮށްފަ އެވެ. ކޮސްޕްލޭގެ ވަނަތައް ހޮވީ ކޮސްޓިއުމާއި ހުށަހެޅުމަށް ބެލުމަށް ފަހު އެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ރާއްޖޭގައި އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން ކުރަމުން އަންނަ މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.

"ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގޭމާސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެ ކުންފުނިން ދެމިއޮންނާނެ ކަމަށެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔާ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރިއިރު އެ އިނާމަށް ދިން 30،000 ރުފިޔާއާ އެކު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވަނީ ހައިޝަމް ވަހީދެވެ. ވަރުގަދަ ވާދަވެރިކަމަކަށް ފަހު ހައިޝަމް ވަޙީދު ވަނީ "އަލްޓިމޭޓް ޕްލޭޔާ"ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައެވެ.

ރޭގެ ހަފުލާގައި ވަނީ ގިނަ ކުޅިވަރުތަކަކުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ.

އުރީދޫ ނޭޝަން އިން ގޭމިން ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރެވެ. އެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަަން އިިން ވަނީ އެކި ގޭމިން މުބާރާތްތައް ބާއްވައިފަ އެވެ. އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު