އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ 14 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މަރިޔަމް އަނާ
15 މާޗް 2025 - 15:49
0 comments
އިސްލާމީ މިނިސްޓްރީގެ ދަށުން 14 މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައި
އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ 14 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިސްލާމީ ދާއިރާގެ 14 އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 މިސްކިތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮތްޕަކާއި އިސްލާމީ މަރުކަޒެކެވެ.މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ހަމަޖެހިފައިވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ ގަ އެވެ.އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ހަދަނީ ގުރުއާން ކިޔަވައިދޭ ކްލާހެއް ހިމަނައިގެން ކަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިން އަޅާނެ ކަމަށެވެ.ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގައި ގުރުއާނާ ބެހޭ މަރުކަޒު އަޅަން ހަވާލުކުރިއިރު، އިސްލާމީ މަރުކަޒު އެޅުމަށް ނިންމާފައިވަނީ ށ. ފޯކައިދޫގަ އެވެ.މީގެ ތެރެއިން 11 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކަ އާ އެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ.ބާކީ ތިން މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމްޓީސީސީން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައުދީ އެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެވިގެންދާނެ ކަމަށެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، އަދި ރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވި އެވެ.މި ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށާއި މިކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތު ޝަހީމް ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ޝުއޫރު