ޚަބަރު
މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކުރި: އެޗްޕީއޭ
މިދިޔަ އަހަރު ޓީބީ ޖެހިގެން 148 ކޭހެއް ރިޕޯޓުކުރި ކަމަށާއި 2030 ވަނަ އަހަރާ ހަމައަށް އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް ޓީބީ މަދުކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓީބީ ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އަދި އެ އަހަރު ދުނިޔެއިން 10.8 މިލިއަން މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 6 މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.

"ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވެއެވެ،" އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޓީބީ އަކީ ބެކްޓީރިއާއެއްގެ ސަބަބުން އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހޭ މި ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިގެން ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުންނެވެ.

މި ބައްޔަށް ދެވޭ ފަރުވާއަކީ ހަ މަހުގެ މުއްދަތަށް ދެވޭ ފަރުވާއަކަށްވާއިރު، ފުރިހަމައަށް މި ބައްޔަށް ފަރުވާ ކުރެވިއްޖެ ނަމަ، މިއީ ފަސޭހަވާ ބައްޔެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތަރަކުން ފެށިގެން ރާއްޖޭގައި ވެސް ޓީބީއަށް ފަރުވާ ދެމުން އަންނަނީ ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް އުސޫލުންނެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ، ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުމާއި ވަރުދެރަވުމާއި ހީކެރުވުމާއި އާދަޔާ ޚިލާފަށް ދާހިތްލުމާއި ހުންއައުމާއި މޭގައި ރިއްސުމާއި ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން ކެއްސުން އަދި، ކެއްސާފައި އަންނަ ދަވާގައި ލޭ ހުރުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު