ޚަބަރު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި
އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުގައި އެ މީހާގެ އަތުން ފައިސާތަކެއް ހޯދި މައްސަލައިގެ ތަހުގީގަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.

ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. 

އެ މައްސަލައިގައި މިރޭ ޝައްމާން ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. 

ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރިއިރު، ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފާހަގަވި ކަންކަން ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާކަމަށެވެ.

އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.


އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްއާން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް ރޭ ދަންވަރު ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު އައްޔަންކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު