
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މާރިޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް މިދިޔަ މަހުގެ 29ގައި ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ މައްސަލަ ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ.އެއަށްފަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފައިވަނީ މައްސަލަ ބަލައިނުގަތުމަށެވެ.އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވެސް އޭރު ހައްޔަރުކުރި އެވެ.