ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ހުކުމް ކުރުމަށް މިއަދު ހަވީރަށް ތާވަލުކޮށްފި އެވެ.
ޝަމްއާންގެ މައްޗަށް ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
މީގެކުރިން، މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކުރި އެވެ. ނަމަވެސް، އޭނާގެ ދިފާއީ ވަކީލް ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުއެހުން އެ ދުވަހު ފަސްކުރި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފަ އެވެ.ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުންވެސް ހެކިބަސް ދީފައިވެ އެވެ.