ރަށްރަށުގައި ހިންގުމަށް ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހިމެނޭ ލިސްޓްގައި ހޯރަފުށި ދާއިރާ ނެތް.!
ހަސަން ހަލީމް
23 މާޗް 2025 - 12:53
11 comments
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ހޯރަފުށި ދާއިރާގެ މެންބަރު އަލީ
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިއްމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާހް ކުރައްވާ އާންމު ކުރެއްވިއިރު "ރަށްރަށުގައި ހިންގުމަށް ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހިމެނޭ ލިސްޓްގައި ހޯރަފުށި ދާއިރާ ނެތް" ކަން ހާމަ ވެއްޖެ އެވެ.
ސަރުކާރުން އެކި ފަރާތްތަކާ އެކީ އެއްބަސްވުމުގައި ސޮއިކޮށް ހަވާލުކޮށްފައި މަޝްރޫއުތައް ހިމެނޭހެން ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކަކަށް ފައިސާ ހޯދަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އެކަށައަޅުއްވާފައިވާ މި ގަރާރުގައި ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި، އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަންޖެހޭ ވަރު އާންމުކޮށްފަ އެވެ.
ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ ލިސްޓުގައި ވަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި މައިގަނޑު 25 މަޝްރޫއެއް ހިންގުމަށް މަދުވެގެން ހޭދަކުރަންޖެހޭ އަގުގެ ގޮތުގައި 55 މިލިއަން ޑޮލަރު -- 848 މިލއަން ރުފިޔާ ހިމަނާފަ އެވެ.ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެ އެވެ. "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު" ގައި ވާ ގޮތުން ލިސްޓުގައި ހުރި ސަރުކާރުން އިސްކަންދޭ މަޝްރޫތަކުގެ ތެރޭގައި، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ހއ. ދިއްދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްގީކުރުން ހިމެނެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް ވަނީ ނިންމަވާފަ އެވެ. މީގެއިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކާ ރަސްމާލެ ތަރައްގީ ކުރުމުގެ ބިން ހިއްކުމުގެ މަސައްކަތަށްވެސް މިފަހަރުގެ ގަރާރުގައި ފައިސާ ހޯދަން ހިމަނާފައިވެ އެވެ.މީގެ އިތުރުން ވެސް ހިމެނޭ ބައެއް މުހިންމު މަޝްރޫއުތައް:- ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން
- ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުން
- ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން
- ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން
- މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުން
މީގެ އިތުރުން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު / ހޯޕް އައިލެންޑް" މަޝްރޫޢަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްގީކުރުމަށް ވަނީ ކަނޑައަޅުއްވާފަ އެވެ. ހަމަ އެ ފަޅުން، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫއަށް ބޭނުންވާ 30 (ތިރީސް) ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްގީކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކާ ރަސްމާލެ ތަރައްގީ ކުރުމުގެ ބިން ހިއްކުމުގެ މަސައްކަތަށްވެސް މިފަހަރުގެ ގަރާރުގައި ފައިސާ ހޯދަން ހިމަނާފައިވެ އެވެ.އަދި، މި ފަހުން ނުހިއްކާނެ ކަމަށް އިއުލާނުކުރި ގުޅީފަޅު ހިއްކުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިއްކާފައިވާ ބިންތަކުގައި މަގު ހެދުމާއި ކުށްކުރާ ކުޑަކުދިން ރިހަބިލިޓޭޓްކުރުމަށް ގެންދަން ތަރައްގީކުރާ "ހޯޕް އައިލެންޑް" ހިއްކުމަށާއި ތަރައްގީ ކުރުމަށްވެސް ފައިސާ ހޯދުމަށް އިއުލާނުކޮށްފައިވެ އެވެ. މީގެއިތުރުން ހައިޕަރފޯމަންސް ސެންޓަރެއް ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ. އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައްވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވެ އެވެ.ސަރުކާރުން ބިޔަ މެގަ މަސްރޫއުތައް އިއުލާން ކުރެއްވިއިރު ބޮޑު ތިލަދުންމަތީ އުތުރު ބުރި ހިމެނޭ ސަރަހައްދުގެ ތަރައްގީ އަށް ފަށާނެ ކަމަށް ކުރިން ބުނި ހއ. އުލިގަމު ޔޮޓު މެރީނާއާއި އުލިގަމު ސިޓީ ހޮޓާ ތަރައްގީކުރުމުގެ މަސައްކަތް މީގެއިތުރުން ހއ.ހޯރަފުށީ ފަޅު ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނަރ ޓާމިނަލްގެ އިތުރުން ފްރީ ޒޯނު ތަރައްގީކުރުމުގެ މަޝްރޫ ލިސްޓްގައި ނެތުމުން އެކަމުގެ ކަންބޮޑުވުން އެ ދާއިރާތަކުގެ ރައްޔިތުން އަންނަނީ ކުރަމުން ނެވެ. އެގޮތުން ތިލަދުންމަތީގެ ތަރައްގީވަމުން އަންނަ އެއް ދާއިރާ ކަމުގައިވާ ހޯރަފުށީ ދާއިރާގެ ތަރައްގީއަށް މުހިއްމު މަސައްކަތެއް ނުފެށި "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..!" ވެފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާރުކުރަމުން ނެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގޭ މުހިއްމު މަޝްރޫއުތަކުން "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online