ކުރީ ސަރުކާރުން ތުރާކުނުގައި ފެށި އެންމެ ބޮޑު މަޝްރޫއަކީ ބިން ހިއްކުން، އެ މަޝްރޫއުގެ އަޑެއް މިހާރަކު ނެތް!
އަލީ ރާޒީ
24 މާޗް 2025 - 12:42
0 comments
ހއ. ތުރާކުނު - ފޮޓޯ: ކިއުންތެރިއެއް
ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ.ތުރާކުނަކީ އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ރަށެކެވެ. މިއީ ރާއްޖޭގެ ނިސްބަތުން ވަރަށް ކުޑަ ރަށެކެވެ. ރަށުގައި މިހާރު ހުރި ގޭބިސީގެ އަދަދު 100 އިން މަތީގައި އުޅޭއިރު، ގޯތި ބޭނުންވާ 50 އަށްވުރެ ގިނަ އާއިލާ އެބަތިއްބެވެ. ނަމަވެސް އެ އާއިލާތަކަށް ގޯތިދީ، ބިންހިއްކައިގެން ނޫންގޮތަކަށް ރަށުގެ އިގުތިސާދު ފުޅާކުރެވޭކަށްނެތެވެ.
މިކަން ހައްލު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތުރާކުނުގެ ބިން އިތުރުކޮށް ބޯހިޔާވަހިކަމާއި އިގްތިޞާދީ ކަންކަމަށް އޮތް ދަތިކަން ހައްލުކޮށްދިނުމަށް "ބޮޑު މަޝްރޫއެއް"ގެ އަމަލީ މަސައްކަތް ފެށީ 2023 ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. ތުރާކުނު ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފަ އެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އެމް.ޓީ.ސީ.ސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މިމަޝްރޫއުގެ ދަށުން 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ހިއްކައި، އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫއަކީ 152.04 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
ތުރާކުނަށް ބިން އިތުރު ކުރުމުގެ ބޭނުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އެރަށު ކައުންސިލުގެ ރައީސް އަލީ އަބްދުއް ލަތީފް ދައުލަތުގެ މީޑިއާއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބިންހިއްކައިގެން ނޫންގޮތަކަށް ރަށުން އެއްވެސް ކަމަކަށް ބިން ދެވެން ނެތްކަމަށެވެ. ބިންހިއްކުމުގެ މަޝްރޫއާއެކު އެރަށް ދިމާވެފައި އޮތް ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ އެވެ.
"އުންމީދަކީ ވީ އެންމެ އަވަހަކަށް މަސައްކަތް ފެށާ ނިންމާލުން، އެއީ މިރަށުގެ ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު އުންމީދަކީ އެއީ ގޯތި ބޭނުންވާ އާއިލާތަކުން އެތިބީ އެދުވަހުގެ އިންތިޒާރުގައި ފަތުރުވެރިކަމަށް ރަށް ފައްކާކުރެވޭނީވެސް އެކަމަށް ބިންތަކެއް ކަނޑައެެޅިގެން އަދި ކަނޑައެޅޭނީ ބިންހިއްކައިގެން" ތުރާކުނު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.އަލީ އިތުރަށް ވިދާޅުވީ އެރަށުގެ ބިން ފުރިފައި އޮތުމުން ގޯތި ދެވޭނެ އެއްވެސް ޖާގައެއް މިހާރު އެރަށުގައި ނެތެވެ. އަލަށް ހިއްކައިގެން އިތުރު ކުރާބައިން ގެވަޅު ދީ ފަތުރުވެރިކަމުގެ ވިޔަފާރިއަށްވެސް ބިންދޫކުރުމުގެ ވިސްނުންގެންގުޅޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ތުރާކުނުގެ މިހާރު ބިމުގެ ބޮޑުމިނަކީ 22 ހެކްޓަރެއެވެ. ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އަލަށް 8.16 ހެކްޓަރު އިތުރު ކުރެވިގެން ދާނެއެވެ.
ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ތުރާކުނު ރައްޔިތުންގެ އުންމީދަކީވެސް މީއެވެ. މިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައި އޮތް މިބިޔަ މަޝްރޫގެ އަވަހަށް ނިމި، އެރަށަށް އެތައް ކުރިއެރުންތަކެއް ލިބިގެން ދިއުމެވެ. މިއީ އެރަށުގައި މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ބޮޑު އެއްމަޝްރޫއު އެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ އިގުތިޞާދަށް މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާކަމަށް އަލީ ފާހަގަ ކުރެއްވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދެވޭނީ ފަތުރުވެރިކަމަށް ބިންތަކެއް ކަނޑައަޅައި، އެބިންތަކުގައި ގެސްޓްހައުސްތައް އިމާރާތް ކުރެވިގެންކަމަށް ކައުންސިލުން ދެކޭކަމަށެވެ.
ނަމަވެސް މިސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ކުރީ ސަރުކާރުން "ތުރާކުނުގައި ފެށި އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ބިން ހިއްކުން، މަޝްރޫއުގެ އަޑެއް މިހާރަ ވަނީ ކެނޑިފަ އެވެ. މިކަމުގެ ކަންބޮޑުވުން ތުރާކުނުގެ ރައްޔިތުން އަންނަނީ ކުރަމުން ނެވެ. މީގެ އިތުރުން އެރަށުގައި ޖާގަ ތަނަވަސް ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ސްކޫލަށް ދިމާވެފައިއޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދެބުރީގެ އިމާރާތަކާއި، ފެނަކަ އޮފީސް އެޅުމުގެ މަސައްކަތްވެސް މިހާރު އޮތީ "ހުއްޓިފަ" އެވެ. މަސައްކަތް ދަނީ ފިނިހަކަ ސްޕީޓްގައި އެވެ.
ކިޔުންތެރިންގެ ޝުއޫރު