ޗަމްޕާއިން ހޯރަފުށީ މަރުކަޒަށް ހަދިޔާކުރި ފިޒިއޮތެރަޕީ އިކުއިޕްމަންޓްސް ހުރީ ގުދަނެއްގައި، ހިދުމަތެއް ނުލިބޭ!
ހުމާ ނަސީމް
27 މާޗް 2025 - 12:37
4 comments
ޗަމްޕާ އުއްޗުގެ ދަރިކަނބަލުން ސަރާ، ފިޒިއޯތެރަޕީ ސާމާނު ހޯރަފުށި ދާއިރާގެ އެމްޕީ އަލީ ހަވާލުވަނީ
ޗަމްޕާ ބްރަދާސް ކުންފުނީގެ ފަރާތުން ހއ. ހޯރަފުށީ ސިއްހީ މަރުކަޒު އަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކުރީ 2 ޖުލައި 2024 ވަނަ ދުވަހު އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސާމާނު ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަމްޕާ މުހައްމަދު މޫސާގެ ދަރިކަނބަލުން ސާރާ މޫސާ ހަވާލުކޮށްދެއްވި، މި ތަކެއްޗާ ހަވާލުވީ ހޯރަފުށީ ދާއިރާގެ މެންބަރު އެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ، ރައީސްގެ ސިޔާސަތުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ވަރުގަދަ ކުރުން ކަމަށެވެ. ޕްރައިމަރީ ހެލްތު ކެއާގައި އެންމެ މުހިންމު ކަމަކީ ކަސްރަތު ހޯދުން ކަމަށާއި ދިގު މުއްދަތަށް ބަލިތައް ތަހަންމަލުކުރާ ފަރާތްތަކަށް ވެސް އެ ބަލިތަކުން އަރައިގަތުމަށް އެންމެ މުހިންމު އެއް ކަމަކީ ފަރުވާއާއެކު ފިޒިއޮތެރަޕީ ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."މިއަދު މި ހަދިޔާ ކުރެވިގެން ދިޔަ ތަކެތީގެ ސަބަބުން ހޯރަފުށީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ. ހަމައެކަނި އެ ރަށްރަށުގެ ރައްޔިތުންނަކަށް ނޫން، އެ ރަށްރަށާ ކައިރި ރަށްރަށުގައި އުޅޭ ރައްޔިތުން ވެސް ފިޒިއޯތެރަޕީގެ ހިދުމަތްތައް މިހާރު ހޯދުމަށް ދުރު ތަންތަނަށް ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.ނަމަވެސް ކަން ހިގަނީ އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތަކަށް ނޫނެވެ. ޗަމްޕާ ބްރަދާސް ކުންފުނީގެ ފަރާތުން ހއ. ހޯރަފުށީ ސިއްހީ މަރުކަޒު އަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކުރުމަކުން ހޯރަފުށީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. ސަބަބަކީ ޗަމްޕާއިން ހޯރަފުށީ މަރުކަޒަށް ހަދިޔާކުރި ފިޒިއޮތެރަޕީ އިކުއިޕްމަންޓްސް ހުރީ "ގުދަނެއްގައި ރައްކާ" ކޮށްފަ އެވެ. މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ ހޯރަފުށީ ސިއްހީ މަރުކަޒަށް ޗަމްޕާ ބްރަދާސް ކުންފުނީގެ ފަރާތުން ހަދިޔާކުރި ފިޒިއޯތެރަޕީ ސާމާނާއިއެކު އެ ހިދުމަތް ނުދެވޭ ސަބަބު ބަލެމަށްފަހު ފަހު ޖަވާބެއް ފަހުން ދެއްވާނެ ކަމަށެވެ.ނަތީޖާ އަކީ ހޯރަފުށީ ސިއްހީ މަރުކަޒަކުން ފިޒިއޯތެރަޕީގެ ހިދުމަތްތަކެއް މިހާރު ނުލިބެ އެވެ. އެކަމަށް ވެސް ދާން ޖެހެނީ ރަށް ދޫކޮށް ބޮޑު ހަރަދުކޮށް އެހެން ރަށަކަށެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ހޯރަފުށީގެ ފާމަސީތަކުން ނުލިބޭތީ އެ ހޯދަން އެހެން ރަށްރަށަށް ދާ ފަދައިން ނެވެ.ބޮއްސުންލާފައިވާ ހޯރަފުށީގެ ސިއްހީ މަރުކަޒުގެ ހާލަތު އިހުނަށް ވުރެ ރަނގަޅުވެ، ރަށުން ހަށިހެޔޮ، ދުޅަހެޔޮ ޑޮކްޓަރީ ސިއްހީ ފަރުވާއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރަށް ރައްޔިތުން ތިބީ އެދި އެދި އެވެ.
ކިޔުންތެރިންގެ ޝުއޫރު