ޚަބަރު
އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް 15 އޮގަސްޓްގެ ކުރިން ބާއްވަން ފާސްކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާދަޔާހިލާފު ކޮންގްރެސް އޯގަސްޓް 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީގެ އޮފީސް، ގ. ނިއުޝާގައި ކުރިއަށްދާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި 15 އޮގަސްޓްގެ ކުރިން ކޮންގްރެސް ބާއްވަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ.

ގައުމީ މަޖިލީހުގެ މި ނިންމުމާއެކީ، ބެލެވޭ ގޮތުގައި ކޮންގްރެސް ބާއްވާނެ ސީދާ ތާރީހެއް ނިންމާނީ ޕާޓީގެ ލީޑަޝިޕުންނެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު އުސޫލުގެ ދަށުން ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އާދަޔާ ހިލާފު ކޮންގްރެސް ބޭއްވިދާނެ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ހިމެނެނީ ގައުމީ މަޖިލީހުގެ މެންބަރުން، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސުން، ޕްރޮވިންސްތަކުގެ ނައިބު ރައީސުން، ދާއިރާތަކުގެ ނައިބު ރައީސުން، ގޮފިތަކުގެ ރައީސުން ނުވަތަ ނައިބު ރައީސުން، ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުންނެވެ.

މިއީ އެމްޑީޕީގެ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. 2022 ގައި އެމްޑީޕީން ބޭއްވި ކޮންގްރެސްގައި ވެސް 1،100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، ކުރީގެ ރައީސް ނަޝީދު ވަނީ ގައުމަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ އެކުވުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދުގެ އަރިސް ބައެއް ބޭފުޅުން މިހާރު ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި، އެމްޑީޕީއާ ގުޅިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު