ޚަބަރު
މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކޮށްދޭ ބަޔަކަށް ދ. ވާނީއާއި ފަޅުތަކެއް ދެނީ
އުތުރު ފަޅުގައި މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކޮށްދޭ ބަޔަކަށް ދ. ވާނީއާއި ފަޅުތަކެއް ދެނީ
އުތުރުތިލަފަޅުގައި އިމާރަތްކުރަން ނިންމާފައިވާ ޖަލާއި ކުޑަކުދިންގެ އިސްލާހީ މަރުކަޒު -- "ހޯޕް އައިލެންޑް" ގެ މަޝްރޫއު ކޮށްދޭ ބަޔަކަށް ދ. ވާނީ އާއި ފަޅުތަކެއް ދޭ ގޮތަށް އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ހޯޕް އައިލެންޑް ތަރައްގީކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރުމަށް ފަހު އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ވަކި ތަނެއްގައި ބައިތިއްބައި ސިފައިންނާއި ފުލުހުންނާއި ކަމާ ބެހޭ މިނިސްޓްރީތަކާ ގުޅިގެން އެ ކުދިންނަށް ޕްރޮގްރާމެއް ހިންގާ ގޮތަށެވެ.

އެތަން ތަރައްގީ ކުރަން ފުރަތަމަ ނިންމީ ދ. ވާނީގަ އެވެ. ނަމަވެސް މިހާރު ވަނީ އެ ތަން އުތުރު ތިލަފަޅުގައި ހަދަން ނިންމައިފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން އިއްޔެ ފުރުސަތު ހުޅުވާލި އިއުލާނުގައި ބުނީ އެ މަރުކަޒު ތަރައްގީކުރަނީ 700 ކުދިންނަށް ދިރިއުޅެވޭ ގޮތަށް ކަމަށެވެ.

ކުޑަކުދިން ބަންދުކޮށްގެން ގެންގުޅެވޭނެ ތަންތަނާއި ދިރިއުޅޭނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލެއް އެތަނުގައި އަޅަން ވަނީ ނިންމައިފަ އެވެ.

މައި ޖަލުގެ އާބާދީ ގާތްގަނޑަކަށް 6،000އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހޯމް މިނިސްޓްރީން އެކުލަވައިލި މަޝްރޫއުގެ ޓާމް ޝީޓުގައިވެއެވެ. އޭގެ ތެރޭގައި ރަށްވެހިންނާއި، ތައުލީމީ ދާއިރާގެ މީހުންނާއި، ސްޓާފުންނާއި، ޒިޔާރަތްކުރާ މީހުން ވެސް ހިމެނެއެވެ.

މަޝްރޫއުގެ ދަށުން ޖަލު ތަރައްގީކުރާއިރު ޖަލުގައި ހުންނާނެ ތަންތަނަކީ:

  • ރެސިޑެންޝަލް ޔުނިޓްސް
  • ވޮކޭޝަނަލް ޓްރެއިނިން އަދި ރިހެބިލިޓޭޝަން ފެސިލިޓީސް
  • އެޑިއުކޭޝަނަލް ފެސިލިޓީސް
  • ރިކްރިއޭޝަނަލް އެންޑް ސްޕޯޓްސް ފެސިލިޓީސް
  • މެޑިކަލް ފެސިލިޓީސް
  • ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސް ފެސިލިޓީސް
  • މިސްކިތް
  • ރަސްމިއްޔާތުތައް ބާއްވާ ބިން
  • ހާފްވޭ ހައުސް
  • ޖަލު ގޮޅިތައް ނުވަތަ ޖަލު ޔުނިޓްތައް
  • އެޑްމިނިސްޓްރޭޓިވް އިންފްރާސްޓްރަކްޗާ
  • މެސް ހޯލްސް
  • ޔުޓިލިޓީ ޚިދުމަތްތައް
  • ކޯޓު ފެސިލިޓީ
  • ކަރެކްޝަނަލް ސާވިސް ހެޑްކުއާޓާސް
ހޯޕް އައިލެންޑް ތަރައްގީކުރަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ. އަދި އެ ތަނުގައި 700 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ޓާމް ޝީޓުގައިވެއެވެ. މި މަޝްރޫއު އޮކްޓޯބަރު 2027ގެ ނިޔަލަށް ނިންމަން ވެސް ޖެހެއެވެ.

މި ދެ މަޝްރޫއަށް ބޭނުންވާ ބިން، އުތުރު ތިލަފަޅުން ހިއްކުމާއެކު މުޅި މަޝްރޫއު ހިންގުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓަރަށް ލިބޭނީ ވާނީއާއި އެ ރަށާ ގުޅިފައިވާ ދެ ފަޅެކެވެ.

މި ދެ މަޝްރޫއު ހިންގުމަށް ބޭރުގެ އިންވެސްޓަރުންނަށް ވެސް ކުރިމަތިލެވެއެވެ.

މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން ނަމަ ހޯޕް އައިލެންޑް ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އަދި މައި ޖަލު ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހޭދަވާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު