ޚަބަރު
މެއި އެއްވަނަ ދުވަހު އެމްޑީޕީގެ ބޮޑު އެއްވުމެއް ބާއްވަނީ
މޭޑޭގައި އެއްވުމެއް ބޭއްވުމާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
މަސައްކަތްތެރިންގެ ހައްގުގައި މޭޑޭގައި އިދިކޮޅު އެމްޑީޕީން ވެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، މިއަދު އެކަން އިއުލާނުކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ އެއް ވަނަ ދުވަހެވެ. 

އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މެއި 1 ވަނަ ދުވަހު ފާހަގަކުރާ، މޭޑޭގެ އެއްވުން ބާއްވަން ނިންމާފައިވަނީ އެ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

މި އެއްވުމުގައި ހައްގުތަކުގައި ދިފާއުގައި ގިނަ ބަޔަކު އަޑު އުފުލާނެ ކަމަށާއި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ އިތުރުން ވެސް ގިނަ ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި ވަގުތު ރާއްޖޭގައި ފަރުދީ ގޮތުން ނިކަމެތިކަން ތަހައްމަލު ކުރަން ނުޖެހޭ އެންމެ ފަރުދެއް ވެސް ނެތް ކަމަށެވެ.

އެގޮތުން އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޭސް ލިބުމުގެ ހުރި ދަތިތަކާއި ސިއްހީ ފަރުވާ ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ހައްގުގައި މި އަހަރުވެސް މޭޑޭ ފާހަގަކުރަން އެމްޑީޕީން މިހާރު މިވަނީ ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި،" ބިގޭ ވިދާޅުވި އެވެ.

މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑުކިޔައި އެމްޑީޕީން އަންނަނީ މާލޭގައި ސިލްސިލާ ގޮތެއްގައި ވެސް މުޒާހަރާތައް ކުރަމުންނެވެ. މީގެ ކުރިން ވެސް އެ ޕާޓީން ވަނީ މާލޭގައި މި ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވައިފަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު