ޚަބަރު
ސީޕީ ޝުޖާއު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޑީސީޕީ ފަރުހާދު
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު ދެންމެ ހަވާލު ކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އެޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާތެއްކވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވަން ނިންމެވިއިރު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފަ އެވެ. ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ޒުވާނުން ވަނީ ގޮވައިލައިފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ ގާނޫނުގެ ދަށުން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ކަމަށެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އަހުމަދު ޒިލާލް އެކަނި ކަމަށް ފުލުހުން ބުންޏެވެ.

މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.

ފުލުހުން އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ ހ. ފެންޓޯނިއާއަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.

ޔުމްނު ފުރާޅަށް ވެއްޓުނީ ފެންޓޯނިއާ ގޭގެ ފެންލައިޓުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު