ފަރުހާދު މަގާމުން ދުރުކޮށްފި، މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ނަވީންއަށް!
މަރިޔަމް އަނާ
26 އޭޕްރީލް 2025 - 21:28
0 comments
އިސްމާއިލް ނަވީން -- ފޮޓޯ: މިހާރު
ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވަގުތީ ގޮތުން ހަމަޖެއްސުމަށް ފަހު އެކަން ބަދަލުކޮށް އެ ޒިންމާ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މިރޭ ހަވާލުކޮށްފި އެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލު ކުރިކަން ހޯމް މިނިސްޓަރު، އަލީ އިހުސާން އިއުލާނު ކުރެއްވީ މިރޭ 7:46 ގަ އެވެ. ނަމަވެސް އޭގެ ބަރާބަރު ގަޑިއެއްގެއިރު ފަހުން 8:46 ގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކްޓިން ޕޮލިސް ކޮމިޝަރަކަށް ނަވީން އައްޔަނުކޮށްފައިވާ ކަމަށެވެ."ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނާ، އިސްމާއިލް ނަވީންކަމަށް ވާތީ ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ،" އިހުސާން ކުރެެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުރުމަށްފަހު އެ ނިންމުން ބަދަލުކޮށްފައި މިވަނީ އޭނާއާ އެ މަސްއޫލިއްޔަތު ހަވާލު ކުރުމުން އާންމުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށާފައި ވަނިކޮށެވެ.ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ދަރިފުޅު އަންހެން ކުއްޖަކު ރޭޕުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ނައްތާލިކަމަށް ފަރުހާދުގެ މައްޗަށް ތުހުމަތު އޭނާގެ ކުރެވިފައި އޮތުމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު