ޚަބަރު
އަންހެން މީހާ ވެއްޓުން: ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރި މައްސަލަ ތަހުގީގުކުރަން އަންގައިފި
ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން--
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

މިމަހުގެ 18ވަނަ ދުވަހު ފުރާޅެއް މައްޗަށް ވެއްޓިފައި އޮތްވައި ފެނުނީ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއެވެ.

އެ މައްސަލައިގައި ޝާމިލުވާ އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ މިހާތަނަށް ހާމަކޮށްފައެެވެ. އެއީ:

  • އައިޝަތު ލަޔާލީ އިގުބާލް

  • ރައުދު އަޙްމަދު ޒިލާލް

  • އިޒްދިޔާން މުހައްމަދު މައުމޫން

  • ޔޫސުފް އަހުމަދު އަކްރަމް

  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު

  • އާމިނަތު ޖުނައިރާ ޖަމްޝީދު

  • ހުސައިން ހަމީސް އަލީ

  • އިޖާޒް ޖާއިޒް

ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ހިއްސާކުރި މައުލޫމާތުގައިވަނީ، އެ ހާދިސާގައި ޝާމިލުވާ ދެ މީހަކު ފުލުހަށް ހާޒިރުކޮށް، ކުޑަކަމުދާ ތަކެތި ދޭން އެދުމުން އެކަމަށް އެ މީހުން އިންކާރު ކުރި ކަމަށް ބުނެފައެވެ.

މަސްތުވާތަކެއްޗަށް ތަހުލީލުކުރުމަށް ފުލުހުން ކުޑަކަމުދާތަކެތި ދޭން އެދުމުން، އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން ކުށެކެވެ.

ގާނޫނުގައި އެފަދައިން ބުނެފައި އޮތްއިރު، ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހެދި މީހުންނަށް ފިޔަވަޅު އަޅައިފައިނުވާތީ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔައިފައެވެ.

ޕީޖީ އޮފީހުން ބުނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން އެ މީހުންނަށް، ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފި ނަމަ ކުޑަކަމުދާތަކެތި ދޭން އިންކާރުކުރި މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. ޕީޖީ އޮފީހުން އެގޮތަށް އިރުޝާދު ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމާ އެކު ހަމަ އެ އުސޫލުގެ ދަށުން މިހާރު ވެސް އެ މައްސަލަ ތަހުގީގު ކުރެވެން އޮވެ އެވެ. 

"މީގެ އިތުރުން، މި މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާނެ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާ މެދު އާންމުންގެ ހުރި ޝަކުވާތައް ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ޝަކުވާތަކާ މެދު ވެސް، ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނާއި އާންމު ރައްޔިތުން ވެސް، މައްސަލާގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަމަލުތައް ބަހައްޓަން ޕީޖީ އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު