ޚަބަރު
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި
މާލޭގެ އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަކިކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވީ މިމަހު 1، ގަ އެވެ.

އެ ގޮތުން، އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމާއި އެ ކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އޭނާ ވެއްޓުނު ހ. ފެންޓެނޯއި ގެއަށް އޭނާ އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން ގ. ކަށިވެލި އަދި މއ. މާންދޫގެ ދެކުނުގެއަށް ދިޔަ އެވެ. ފުރަތަމަ ދިޔަ ގެއަކީ އަމީންގެ ގެ އެވެ. އޭރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ތުހުމަތުތައް އަމާޒުވެފައިވާ ގޮތުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވި އެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް އެކަން ހާމަކޮށް އަމީންގެ ގެ ބަލައި ފާސްކުރީ ހާދިސާ ހިނގައިދިޔަތާ ހަ ދުވަސް ފަހުންނެވެ.

މިނިސްޓަރަކު މަގާމުން ވަކިކުރެވޭނީ ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަމީން ވަކިކުރަން އެމްޑީޕީން 12 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަމަވެސް މި މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

އެހެންވެ، އަމީންގެ އިތުބާރު ނެތްކަމަށް ފާސްވުމަކީ ނާދިރު ކަމެކެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު