އެސްޓީއޯ ހޮޓަލުގެ ބަދަލުގައި ފޭސް 3 އިން 40000 އަކަފޫޓުގެ ބިމެއް
އަލީ ރާޒީ
18 މެއި 2025 - 16:13
0 comments
މީގެ 14 އަހަރު ކުރިން އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި ސިޓީ ހޮޓެލް.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޓޫރިޒަމް ސިނާއަތަށް ވަނުމަށް ހުޅުމާލޭގައި ތަރައްގީކުރަން ފަށައި، ބޮޑު ބައި މަސައްކަތް ނިމުމަށް ފަހު މަސައްކަތް ހުއްޓުނު ސިޓީ ހޮޓަލުގެ ބަދަލުގައި ހުޅުމާލޭ ފޭސް ތިނަކުން 40،000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ސަރުކާރުންވަނީ ސީޓީ ހޮޓެލް ތަރައްޤީކުރުމަށް ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލަމަންޓު އެގްރީމަންޓެއްގެ ދަށުން އިތުރު ދެބިން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ދިނުމަށްވަނީ ނިންމަވާފަ އެވެ.
ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިކަން އިއުލާންކުރައްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ބިން ހަމަޖެހި، އެކަމުގެ ސިޓީ ލިބި، އެ ކުންފުނީގެ ނަން މައްޗަށް ބިން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މި ބިން ހުންނަނީ ފޭސް ތިނަކުން ހިއްކާ ނިމިފައިވާ ސަރަހައްދުން ކަމެއް ނުވަތަ މިހާތަނަށް ހިއްކަން ނުފަށާ ސަރަހައްދުން ކަމެއް ނުބުނެ އެވެ.އެސްޓީއޯގެ ސިޓީ ހޮޓަލަކީ އެ ކުންފުންޏަށް ޑޮލަރު ހޯދަން އެ ކުންފުނީގެ ބޯޑުން 2006 ގައި ނިންމައިގެން ފެށި މަސައްކަތެކެވެ. މި ނިންމުމުގެ ދަށުން "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011 ގަ އެވެ.އޭގެ ފަހުން، އެ ތަނުގެ މަސައްކަތް ހުއްޓުމާ ގުޅިގެން، އެކި ފަހަރު މަތިން އެތަން ވިއްކާލަން އެސްޓީއޯއިން މަސައްކަތް ކުރި އެވެ. އަދި މި ތަނަށް ބޮޑު އިންވެސްޓެއްކޮށް އެއްވެސް އާމްދަނީއެއް ނުލިބި ގިނަ ދުވަސްވާތީ އެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު